ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު، ޤާނޫނު ނަންބަރު 7/2010 (17 މެއި 2010) ގެ ދަށުން އުފެދިފައިވާ ކައުންސިލެކެވެ. އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީ މިނިވަން ޝަޚްޞެކެވެ.
މިކައުންސިލްގައި ކުމުންދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުންގެ އިތުރުން 5 އ.ތ.ކ މެމްބަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ކުމުންދޫގެ ރައްޔިތުންނަށެވެ.
ކައުންސިލުންދޭ ޚިދުމަތްތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުމުންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ލާޒިމްކޮށްފައިވެއެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖުތިމާޢީ އެކިއެކި ތަންތަނާއި ސަރަހައްދުތައް ބެލެހެއްޓުމާއި އެހެން މުޢައްސަކާތަކަށް އެހީތެރިވުން ހިމެނެއެވެ.
އަދި ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާއެކެވެ.
އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 25 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ.
ލާމަރުކަޒީ ގާނޫނާއި ، މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ދައުލަތުގެ ފައިސާއާއި މުދާ ބަލަހައްޓައި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.
ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.
އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް
ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު 2 ޔުނިޓަކަށެވެ. އެއީ ކޯޕަރޭޓް އެފެއާޒް ޔުނިޓް އަދި އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ.