ކައުންސިލުން ރޯދަމަހު ހުރިހާ ގޭބިސިތަކުގެ ކުނިއުކާލަދިނުމުގެ ޚިދުމަތް ހިލޭދިނުމަށް ނިންމައިފި

ރޯދަމަހު ކުމުންދޫ ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކާލަދިނުމަށް ކުމުންދޫ ކައުންސިލުން ނިންމައިފި އެވެ. މިކަން ހާމަކޮށް އެކައުންސިލުން މިއަދު އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މި ޕްރޮގުރާމުގެ ދަށުން ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކުގެ ކުނި ހިލޭ އުކާލެވޭނެ ކަމަށެވެ.

ކައުންސިލުން ކަނޑައަޅައި ވަކި އުސޫލެއްގެ ދަށުން ހުރިހާ ގޭބިސީތަކުން އުފެދޭ ކުނި މިރޯދަމަހު ހިލޭ އުކާލުމުގެ މަސައްކަތް ފަށާފައިވާއިރު މިއީ ކުނިމެނޭޖްކުރުމުގެ ޕްލޭންގެ ދަށުން ފަށާ ޚިދުމަތެކެވެ. މިއީ އަލަށް ފަށާ ހިދުމަތަކަށްވުމުން މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ގެންދިޔުމުގައި ހުރިހާ ރައްޔިތުންގެ އެއްބާލުމުން ދިނުމަށް ކައުންސިލުން އެދިލައްވަ އެވެ.

ރޯދަމުގެ ދެވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 15 ވަނަދުވަހާ ހަމައަށް ކުރިއަށްގެންދާ މިޕްރޮގުރާމުގައި ކުނި އުކާލަން ކައުންސިލްގެ ވޭސްޓްމެނޭޖްމެންޓްގެ ޓީމްތައް ހަރަކާތްތެރިވާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން 11:30 އަށެވެ. އަދި ގޭބިސީތަކުގައި އުކާލަން ނަގާ ކުނި ބަހައްޓަން ޖެހޭނީ ކުނިވާޒާތު ކުންޏާއި، ދަޅު/ފުލާސްޓިކް، ގޭގައި އުފެދޭ ފަތްކުނި، ގައު ކުނޑި، ނެޕީ އަދި ބިއްލޫރި ހުންނަވާނީ ވަކި ކުރެވިފަ އެވެ.

މިމަސައްކަތުގައި ކުމުންދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ކައުންސިލުން ދެކެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރުމަށް ރޯދަމަހަށް ފަހު ރަމްޒީ އުޖޫރައެއް ނަގައިގެން މަސައްކަތް ކުރުމަށް ކައުންސިލުން ދަނީ ރައްޔިތުންގެ ޚިޔާލު ހޯދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *